ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް މަތިވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އިންޓަނޭޝަނަލް މާކެޓްގައި ރާއްޖޭގެ ސުކޫކުގެ އަގު ހުރީ 64.72 އެމެރިކާ ޑޮލަރުގައެވެ.
ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް މަތިވެފައިކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ސުކޫކެއް ވިއްކާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ސުކޫކުގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ގައުމުގެ އިގުތިސޯދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށެވެ.

