ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭގޮތަށް ހުށައެޅި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު’ގެ ނަމުގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
މިދިޔަ ދެ ދުވަހު މި ބިލަށް މަޖިލީހުގައި ބަހުސްކޮށްފައިވެ އެވެ. އަދި މިއަދުގެ ޖަލްސާގައި ބަހުސް ނިންމައި ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އަހާފައިވެއެވެ.
މި ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުުރުމަށް ހުށައެޅުއްވި ބިލެކެވެ.
މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ރައްޔިތުންގެ ވޯޓާއެކު ބަދަލުގެނެވޭނެ ޤާނޫނުއަސާސީގެ މާއްދާތައް:
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
- ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
- ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
- ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
- ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
- ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ
އާންމު އިންތިޚާބުތަކުގައި ކެމްޕޭން ކުރާ އުސޫލުން، މި އިންތިހާބުގައިވެސް ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބިލުގައިވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ އެކި ޖަލްސާތަކުގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން ނިންމަން ޖެހޭ ބައެއް ކަންކަން އެ މަނިކުފާނުގެ ހިޔާލުފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައެވެ.

