މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް ސްމާރޓް މީޓަރުގެ ޚިދުމަތް ދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، ސްޓެލްކޯއިން ސްމާރޓް މީޓަރު ހަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ސްމާރޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތެވެ.
ސްމާޓް މީޓަރުތައް ހަރުކުރުމަށް ސްޓެކްކޯއިން ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޕައިލެޓް ޕްރޮޖެކްޓްގެ ކާމިޔާބީއާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާރޓް މީޓަރުތައް ހަރުކުރަން ފެށި، މިހާރު މި މަސައްކަތްވެސް އެއްކޮށް ނިންމާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސްމާޓް މީޓަރު ޕްރޮޖެކްޓްގެ ދަށުން ސްމާޓް އެޕްލިކޭޝަންގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ލިބޭނެކަމަށާއި، އަދި މި ސްމާޓް އެޕްލިކޭޝަނާއެކު، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވަގުތުން ބަލާލެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.

