ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހަރަދުތައް ކުޑަކުރުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް ފާސްކޮށްފިއެވެ.
މި ނިންމުން ފާސްކޮށްފައިވަނީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީސީ) ގެ ހާލަތު މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރުމަށްފަހު ވޯޓުދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެމްޕީއާރުސީއަކީ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާންޖެހޭ ކުންފުންޏެއް ކަމަށާއި، މީގެއިތުރުން މާލީ ރިޕޯޓުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ދަރަނިތައް ކުންފުނީގެ ހަރުމުދަލަށްވުރެ ގިނަ ކަމާއި، އެހެންކަމުން، އެއީ ބަނގުރޫޓުވުމުގެ ނުރައްކާ އޮތް ކުންފުންޏެއްކަމަށާއި މާލީ ހާލަތު ރަނގަޅުކުރަންޖެހޭކަން ކޮމިޓީން ވަނީ ފާހަގަކޮށްފައި ކަމަށް މިއަދު ފާސްކުރި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެމްއެމްޕީއާރުސީން ބުނީ ކުންފުނީގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން މެމްބަރޝިޕް ފީ ބޮޑުކުރުމާއި، ކުންފުނިން އުފައްދާ ޕަބްލިކޭޝަންތަކުގައި އިޝްތިހާރު ޖެހުމަށް ވިއްކާ ސްލޮޓުތަކުގެ އަގު ބޮޑުކުރުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަމަށެވެ.
އެމްއެމްޕީއާރުސީން ވަނީ އެ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އަޅާނެ ބައެއް ފިޔަވަޅުތައް ކޮމިޓީއާ ހިއްސާކޮށްފައެވެ. އެ ފިޔަވަޅުތަކުގެ ތަފުސީލު ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި ޕްރޮމޯޝަނަށް ބޭނުންކުރާ ތަކެތި ޕްރިންޓުކުރުމުގެ ހަރަދު ކުޑަކުރުމާއި، ޝިޕިން ހަރަދުތައް ކުޑަކުރުމާއި ޖޮއިންޓް މާކެޓިން މަސައްކަތްތައް ކުރިއަށްގެންދިއުން ހިމެނެއެވެ.

