ޓްވިޓާގެ ކުރީގެ ސީއީއޯ އަދި ބްލޮކްގެ މިހާރުގެ ސީއީއޯ، ޖެކް ޑޯސީ، "ބިޓްޗެޓް" ގެ ނަމުގައި އިންޓަނެޓާ ނުލައި މެސެޖު ކުރެވޭ އެޕެއް ތައާރަފްކޮށްފިއެވެ.
ބްލޫޓޫތު މެދުވެރިކޮށް މަސައްކަތްކުރާ ޕީއާ-ޓު-ޕީއާ މި އެޕް މަސައްކަތް ކުރަނީ ބްލޫޓޫތް މެޝް ނެޓްވޯކްތައް ބޭނުންކޮށްގެންނެވެ. މި އެޕް ބޭނުންކުރާ ފޯނުތައް ކައިރިވުމުން އޭގެން އަމިއްލަ ނެޓްވޯކެއް އުފެދި، އެއް ފޯނުން އަނެއް ފޯނަށް މެސެޖްތައް ފޮނުވެއެެވެ. އެހެންކަމުންް، ފޯނުގެ ޚިދުމަތް ނުލިބޭ ހާލަތެއްގައި ވެސް، އާދައިގެ ބްލޫޓޫތުގެ ރޭންޖަށް ވުރެ ދުރަށް މެސެޖް މި އެޕް މެދުވެރިކޮށް މެސެޖު ފޮނުވިދާނެއެވެ.
އިންޓަނެޓްގެ ހިދުމަތް ނުލިބޭ ހާލަތްތަކުގައާއި، ސަރުކާރުތަކުން މުއާސަލާތީ ހިދުމަތްތައް ބްލޮކްކުރާ ވަގުތުތަކުގައި ވެސް މި އެޕް ބޭނުންކޮށްގެން މުއާސަލާތު ކުރެވިދާނެއެވެ.
މި އެޕްގައި ގްރޫޕް ޗެޓް ނުވަތަ "ރޫމް" ތައް ހެދުމުގެ ފުރުސަތު ވެސް އޮވެއެވެ. އަދި މި ފަދަ ރޫމްތައް ޕާސްވޯޑަކުން ރައްކާތެރި ކުރެވޭއިރު، އޮފްލައިންގައި ހުންނަ މީހުންނަށް މެސެޖް ފޮނުވުމަށް "ސްޓޯ އެންޑް ފޯވާޑް" ގެ ފީޗާއެއް ވެސް މި އެޕްގައި ހިމެނެއެވެ.
ބިޓްޗެޓްގެ ބީޓާ ވާޝަން މިހާރު ޓެސްޓްފްލައިޓް އިން ޑައުންލޯޑުކުރެވޭނެއެވެ.

