ދިފާއީ ވުޒާއިން ހުއްދަ ނުނަގާ ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެކަމަށް އެ ވުޒާރާއިން ބުންފިއެވެ.
ސާކިއުލާގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީންދޭ އެންމެހައި މަރުކަޒުތަކާއި، ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަކީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ. އެހެންނަމަވެސް، މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ ސިނާއަތުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން މި ހުއްދަ ނުހޯދައި މުވައްޒަފުންނަށް ތަމްރީން ދެމުން ގެންދާކަން ފާހަގަކުރެވިފައިވެއެވެ.
ރާއްޖޭގެ މަދަނީ ދަތުރުފަތުރުގެ ސިނާއަތުގައި ޝާމިލްވާ ފަރާތްތަކަށް ބޭނުންވާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީންތައް ފޯރުކޮށްދިނުމުގައި، އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރާނެ ގޮތްތަކާއި، މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ސިޔާސަތު، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕޮލިސީގައި ބަޔާންކޮށްފައިވާކަމަށް ދިފާއީ ވުޒާއިން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ އެކި ކޮލެޖްތަކުންނާއި ތަމްރީން މަރުކަޒުތަކުން އޭވިއޭޝަން ދާއިރާގެ ކޯސްތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ނަމަވެސް، ހުއްދަނެތި މިފަދަ ކޯސްތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ނަންތައް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

