ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ފައުންޑޭޝަން މަސައްކަތް ފެށްޓެވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މި ސްކޫލްގެ މަސައްކަތް ވަނީ ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ބިންގާ އެޅުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށްވާއިރު، މިހާރު ވަނީ ފައުންޑޭޝަންގެ މަސައްކަތް ނިންމައި، އިތުރު މަސައްކަތްތައް ފަށާފައެވެ.
ވަޒީރު ޝަފީޢު ވިދާޅުވި ގޮތުގައި މި ސްކޫލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވަރަށް ޒަމާނީ ސްކޫލަކަށް ވާނެއެވެ. “މާލޭގައި ފުރަތަމަ ފަހަރަށް އަޅާ އަންޑަރ ގްރައުންޑް ޕާކިންގ އާއެކު 200 އަށްވުރެ ގިނަ ސައިކަލާއި ކާރު ޕާކްކުރެވޭނެ” ކަމަށް ވަޒީރު ވިދާޅުވިއެވެ.
10 ފަންގިފިލާއަށް އެޅުމަށް ހަމަޖެހިފައިވާ މި ސްކޫލްގައި 42 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ޒަމާނީ ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ހިމެނޭނެއެވެ. އަދި ސްކޫލްގެ ޓެރަހުގައިވެސް ދަރިވަރުންނާއި މުދައްރިސުންނަށް އަދި ސިވިލް ސޮސައިޓީތަކަށް ބޭނުންކުރެވޭ ގޮތަށް އެކަށީގެންވާ ޖާގަ ހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތް މިހާރު އަޅަމުންދަނީ ޢިޔާޒުއްދީން ސްކޫލްގެ ބިތްދޮށުގައި އޮންނަ 381 ނަންބަރު ކޮށީގައެވެ. މި ތަނަށް ސްކޫލް ބަދަލުކުރަން ޖެހުނީ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި، އެތަނުގައި ދަރިވަރުން ކިޔެވުމަށް އެކަށީގެން ނުވުމުންނެވެ. މިހާރު ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ކިޔަވަމުން އަންނަނީ ކުރީގެ ދަރުމަވަންތަ ސްކޫލްގައެވެ.

