ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ފަތުވާ ދީފި އެވެ.
މި ފަތުވާ އާއްމުކުރައްވާފައިވަނީ މިއަދު ކަމަށްވާއިރު، މި ފަތުވާ ނެރެފައިވަނީ ފާއިތުވި ފެބްރުއަރީ 18 ވަނަ ދުވަހު އެވެ.
ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްތަށީގައި ކަޅުކުލަ ޖެއްސުމާމެދު އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮންނަކަން ފާހަގަކުރެވެ އެވެ. ފުރަތަމަ ރައުޔައަކީ، އިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަނުވާނެކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔަ އެވެ. ދެވަނަ ރައުޔައަކީ، އެކަން ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔަ އެވެ.
މި ދެ ރައުޔައަކީވެސް ދަލީލުތަކުގެ މައްޗަށް ބިނާކޮށް އިލްމުވެރިން ކުރައްވާފައިވާ އިޖުތިހާދުގެ މައްޗަށް ހުކުމް ބިނާކުރައްވާފައިވާ ދެ ރައުޔަކަން ފަތުވާ މަޖިލީހުން ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލައަކީ އިޖުތިހާދީ މައްސަލައަކަށްވާތީ، އިލްމުވެރިންގެ މެދުގައި އޮތް މި ދެ ރައުޔައަކީވެސް ސައްހަ ރައުޔައިގެ ގޮތުގައި އިލްމުވެރިން ގަބޫލު ކުރައްވާ ދެ ރައުޔަ ކަމަށްވެސް ފަތުވާ މަޖިލީހުން ހާމަކުރައްވަ އެވެ.

