ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަޝްރޫޢަކީ ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށްޓަކައި މުހިއްމު މަޝްރޫޢެކެވެ.
ފޮއްދޫއަކީ 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. މިރަށުގެ ގިނަ ރައްޔިތުން ޢާންމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ޚާއްސަކޮށް، ގެސްޓްހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށެއްކަމުން، މިވަގުތުވެސް ފަސް ގެސްޓްހައުސް އެރަށުގައި ދަނީ ހިންގަމުންނެވެ.
ނަމަވެސް، މީގެ ކުރިން ރަށުގައި އެކަށީގެންވާ ބަނދަރެއް ހެދިފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި އެނޫން މީހުންނަށްވެސް ލަފާފުރުމަށް ބޭނުންކުރެވެނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. މިކަމުގެ ސަބަބުން އެފަރާތްތަކުން ދިގު މުއްދަތެއްގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، އެމްޓީސީސީ އިން ފަށައިފި
އެމްޓީސީސީން ޤަބޫލުކުރާ ގޮތުގައި މިއަދު ޢަމަލީ މަސައްކަތް ފެށުނު ބަނދަރުގެ މަސައްކަތް ނިމުމާއެކު، ފޮއްދޫއަށް ތަނަވަސް ބަނދަރެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ރަށަށް އަންނަ ފަތުރުވެރީންނާއި ރަށު ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮައްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމުތޮށި ލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނެރުބައްތިއާއި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.
މި ބޮޑު މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އެމްޓީސީސީ އުފެދުނީ 1980 ވަނަ އަހަރު، ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނު ފަހުން 44 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.

