ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމުގެ މަސައްކަތްތަކުގެ ފަހު މަރުޙަލާ ކުރިއަށްދާއިރު، އެ މަސައްކަތުގައި، ނުހަނު ޖޯޝާއި ފޯރިއާއެކު އެހާމެ އެއްބައިވަންތަކަމާއެކު އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުން ދަނީ ބައިވެރިވަމުންނެވެ. މި ތާރީޚީ ވަގުތުގައި، ކުންފުނީގެ 5000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ އެއް އަމާޒަކަށް މަސައްކަތް ކުރަމުންނެވެ.
މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތްތައް: ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ވަނީ އައު ޓަރމިނަލް ހުޅުވުމުގައި ކުންފުނީގެ މުވައްޒަފުން ޝާމިލުވުން އިތުރުކޮށް، ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން މިކަމުގެ ފޯރި އިތުރުކުރުމާއި، ބެރާ ތަފާތު ހަރަކާތްތަކާއެކު އެކިއެކި ޑިޕަރޓްމަންޓްތަކަށް ޒިޔާރަތްކޮށް، ސްޓާފުންގެ މެދުގައި މަސައްކަތުގެ ފޯރު އިތުރުކުރުމުގެ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި މަސައްކަތުގެ ފޯރި އިތުރުކުރުމެވެ.
މަޢުލޫމާތު ހިއްސާކުރުމުގެ ހަރަކާތްތައް: އައު ޓަރމިނަލްގެ މަސައްކަތްތަކާއި ވީއައިއޭގެ މުހިންމު ތާރީޚީ މަޢުލޫމާތު މުވައްޒަފުންނާ ހިއްސާކުރުމަށް ޚާއްޞަ ކުއިޒް ޕްރޮގްރާމްތަކެއް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ކުންފުނީގެ ތަޞައްވުރާ އެއްގޮތަށް މަސައްކަތްކުރުމުގެ ޕްލެޖެއްގައި މުވައްޒަފުން ދަނީ ސޮއިކުރަމުންނެވެ. މި ހަރަކާތްތަކުގެ ތަފްޞީލުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ ހިއްސާކުރެވެމުންނެވެ.
އޮރާޓް ޓީމުގެ މަސައްކަތްތައް: އައު ޓަރމިނަލްގެ ހުޅުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ޚާއްޞަ "އޮރާޓް" ޓީމެއް ވަނީ އެކުލަވާލެވިފައެވެ. މި ޓީމުގެ އިރުޝާދުގެ ދަށުން، 24 ގަޑިއިރު މެދުނުކެނޑި މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެކި މަސައްކަތްތަކަށް ޚާއްޞަ ޓީމުތައް އެކުލަވާލައި، ކޮންމެ ޓީމަކަށްވެސް ވަކި ޒިންމާތަކެއް ވަނީ ހަވާލުކުރެވިފައެވެ.
އައު ޓަރމިނަލް: މި އައު ޓަރމިނަލްއަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލްއެކެވެ. މި ޓަރމިނަލް ހުޅުވުމާއެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޤައުމީ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް؛ މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހުޅުވުމުގެ ރަސްމިއްޔާތަކީ ވަރަށް ކުލަގަދަ، ފާހަގަކޮށްލެވޭ ރަސްމިއްޔާތަކަށް ހެދުމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި ރަސްމިއްޔާތުގައި ހުރިހާ މުވައްޒަފުންގެ ބައިވެރިވުން ކަށަވަރުކުރުމަށް އެކި ގޮތްގޮތުން މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
އެމްއޭސީއެލްގެ މުވައްޒަފުންގެ އެއްބައިވަންތަކަމާއި ވަރުބަލިކަމެއް ނެތި ކުރަމުންދާ މަސައްކަތަކީ، އައު ޓަރމިނަލްގެ ހުޅުވުމުގެ ރަސްމިއްޔާތު ފުރިހަމަވާނެ ކަމުގެ ހެއްކެކެވެ.

