ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް މަސައްކަތްކުރުމަށް ސެނެގަލްގެ ވެރިރަށް ޑަކާރުގައި ބޭއްވުނު “ކޮންފަރެންސް އޮން ދަ ކުއެސްޝަން އޮފް ޖެރޫސަލަމް” ގައި ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރެވެ. ސަފީރު ސަރީރު ދެއްކެވި ވާހަކަފުޅުގައި، “އިސްރާއީލުގެ އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަކީ މިވަގުތު އެންމެ މުހިންމު އެއް ކަމެއް” ކަމުގައި ފާހަގަކުރެއްވިއެވެ.
ސަފީރު ސަރީރުގެ ވާހަކަފުޅުގައި، އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި އަދި ޣައްޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތުތަކަކީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ނެރުމަށާއި، އެމީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމަށް އަދި އިންސާނީ ޙައްޤުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއް ކަމުގައި ސިފަކުރެއްވިއެވެ.
ކޮންފަރެންސް އޮން ދަ ކުއެސްޝަން އޮފް ޖެރޫސަލަމްގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ އަސާސީ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމެވެ. މީގެ ތެރޭގައި ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤާއި، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހިމެނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީގޮތުން ހަރަކާތްތެރިވަމުން އަންނަ މެންބަރު ޤައުމެއް ކަމާއި، ފަލަސްޠީނުގެ މައްސަލައިގައި އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކުރަމުން އަންނަ ޤައުމެއްކަމެވެ.

