މިހާރު ސޮއިކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމްގެ ގޯތިތައް ރަޖިސްޓްރީކުރުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ވަޒީރު ވިދާޅުވީ، މިގޮތަށް ނިންމާފައިވަނީ އިތުރު ލަސްވުމެއް ނެތި އައު ރަޖިސްޓްރީތައް ހަދައި ގޯތިތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮށް، ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވެއެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ސަރަޙައްދު ބަދަލުވެފައިވާ ކަމަށާއި، އެފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި އެފަރާތްތަކަށް ލިބޭ ޕްލޮޓް ވަނީ އަލުން ކަނޑައަޅާފައެވެ.
ބިމާބެހޭ ޤާނޫނުގައިވާ ގޮތުން، ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށެވެ.
ނަމަވެސް ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިނގިލިން ބިން ލިބިފައިވާ 600 އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަނި ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލުކުރެވި މިހާރު އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު، ހަމައެކަނި ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އިސްލާޙުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެވުޒާރާއިން ނުދެކެއެވެ.
އެހެންކަމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މެއި މަހުގެ 30 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތުން އެފަރާތްތަކަށް ލިބުނު ގޯތި ހަވާލުކުރުން އަވަސްކުރުމަށްޓަކައި، އައު ގޯތީގެ ރަޖިސްޓްރީ ނަންބަރާއި ގޯތީގެ ނަންބަރާއި ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން އެމެންޑްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، މި ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ބިމާބެހޭ ޤާނޫނުގައި ފުށުއަރާ ކަންކަން ހައްލުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާކޮށް، އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

