ދަރިން ރޭގަނޑު ނުނިދައި ރުއިމާއި ގޮތްނޭނގޭ ޢާދަކާދައާ ޚިލާފް ޢަމަލު ފެންނަހިނދު ޢަމަލު ކުރާނެ ގޮތާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ. އަޚާ އެވެ! އުޚްތާ އެވެ! ފަހަރެއްގައި އެއީ ހަށިގަނޑުގައި އަޅާ ވޭނެއް ނުވަތަ އުނދަގުލެއްގެ ސަބަބުން އޭގެ އުނދަގޫ ފޯރައި ދިމާވާ ކަމެއްގެ ގޮތުގައިވެސް ވެދާނެ އެވެ. ނުވަތަ ދަރިފުޅަށް ޝައިޠާނުންގެ ކިބައިން އުނދަގޫ ފޯރުން ކަމުގައިވެސް ވެދާނެ އެވެ. ފަހެ، މިއިން ކޮންމެ ކަމެއް ދިމާވި ކަމުގައިވީނަމަވެސް، ދަރިފުޅު ރައްކާތެރިކޮށް ދަރިފުޅަށް އެންމެ ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަމާއި އަދި ބަލިތަކުން ޝިފާ ހޯދައިދޭނެ އެންމެ ވަރުގަދަ ވަޞީލަތަކީ ޤުރުއާނާއި ސުންނަތުގެ މައްޗަށް އެނބުރިގޮސް އެއިން ފަރުވާތަށް ލިބިގަތުމެވެ.
މިތަނުގައި އޭގެ ތަފްޞީލު ބަޔާން ކުރަމެވެ.
ދަރިން ޖިންނި ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރި ކުރެއްވުމަކީ ﷲގެ ނަބީބޭކަލުންނާއި ރަސޫލުން عليه السلام ގެ މަންހަޖެކެވެ. ފަހެ، އެހިނދު އެއީ ކޮންފަދަ މުހިންމުކަން ދެވިގެންވާ ޢަމަލެއްކަމުގައި ބަޔާންވެ އެވެ.
އިމާމް البخاري 3371، ابن عباس رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެއްގައިވެ އެވެ.
ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم، އެ ނަބިއްޔާގެ ދެ ކާފަ ދަރިކަލުން الحسن (ޙަސަން) އަދި الحسين (ޙުސައިން)، ޝައިޠާނުންގެ ކިބައިން ރައްކާތެރި ކުރައްވާ (ދުޢާ، ޛިކުރު) ވިދާޅުވެ އެވެ. -އަދި ޙަދީޘް ކުރެއްވި އެވެ.- ހަމަކަށަވަރުން (ތިޔަ ދެ ކުދިންގެ ) ބައްޕާފުޅު -ޔަޢުނީ إبراهِيم- عليه السلام- އެ ނަބިއްޔާގެ ދެ ދަރިކަލުން اسماعيل އަދި إسحاق މި (ދުޢާ، ޛިކުރު) ވިދާޅުވެ ރައްކާތެރިކަން ހޯއްދަވަ އެވެ. (އެ ޛިކުރަކީ) أَعُوذُ بكَلِمَاتِ اللَّهِ التَّامَّةِ، مِن كُلِّ شيطَانٍ وهَامَّةٍ، ومِنْ كُلِّ عَيْنٍ لَامَّةٍ އެވެ."
ފަހެ، މިއީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން އެބޭކަލުންގެ ދަރިންކަލުންނާއި ކާފާ ދަރިކަލުން ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރި ކުރުމަށް ﷲއަށް ދަންނަވައި ރައްކާތެރިކަން ހޯއްދަވާ ކަމުގައި ވުމުން މިކަމުގެ މަޤާމާއި ބޮޑުކަން ކޮންމެ މުއުމިނު އަޅަކަށް ބަޔާންވެގެން ދެ އެވެ. ފަހެ، އެހިނދު ރޭގަނޑާއި ދުވާލުގައި އެދަރިންނަށް ރައްކާތެރިކަން ލިބިގެންވާނެ ކަމުގައި ވެ އެވެ. ފަހެ، އެހެން ވުމުން މި ޛިކުރު ކިޔުން ހުއްޓެވެ.
އިރު އޮއްސޭ ދަޅައަށް ކުޑަކުދިން ބޭރަށް ނުނެރުމާއި، ގެތަކުގައި ޤާއިމްވެ ދެމިތިބުމެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "އިރު އޮއްސި ޢިޝާގެ އަނދިރިކަން ހިގައްޖެއުމަށް ދާންދެން ތިޔަބައިމީހުންގެ ނަޢަމްސޫފި ތަކާއި ކުޑަކުދިން ބޭރަށް ދޫކޮށް ނުލާށެވެ. ފަހެ، އިރު އޮއްސި އަނދިރިވެގަންނަ ހިނދުން ފެށިގެން (ޢިޝާގެ އަނދިރިކަން) ފިލައިފުމަށް ދާންދެން ޝައިޠާނުންތައް ބިންމަތީގައި ފެތުރިގަނެ އެވެ."رواه مسلم : 2013 ވުމާއެކެ، މި ވަޤުތުގައި ކުޑަކުދިން ގެއިން ބޭރަށް ނުނެރުމާއި، އަދި ބޭރުތެރޭގައި ނޫޅުމަށް ފަރުވާތެރިވުން ހުއްޓެވެ. އަދި އޭގެ އިތުރަށް ގޭ ތެރޭގައި އެ ވަޤުތުގައި އެކުދިން ބޭތިއްވުން ވެ އެވެ.
ގޭގައި ގިނަގިނައިން ބަޤަރާ ސޫރަތް ކިޔެވުން ހުއްޓެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންގެ ގެތަކުގައި سُوْرةُ البَقَرةِ ކިޔެވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެ ގެއެއްގައި سورةُ البقرةِ ކިޔަވާ ގެއަކަށް ޝައިޠާނާ ނުވަންނާނެ އެވެ." السلسلة الصحيحة 1521 އަބަދުވެސް ބަޤަރާ ސޫރަތް ކިޔުމުގައި ގޭތެރޭގައި ކިޔުމުގައި ދެމިހުރުމެވެ. ޞޫރަތް ނިމުމުންވެސް އަނެއްކާވެސް ކިޔުމެވެ. މާނައަކީ ކިޔެވުން ދޫކޮށް ނުލުމެވެ.
ވުމުން އަބަދުވެސް ގޭ ތެރޭގައި ބަޤަރާ ޞޫރަތް މެދުނުކެނޑި ކިޔެވުމަށް ސަމާލުކަން ދިނުންވެ އެވެ. މާނައަކީ، ކޮންމެ ދުވަހަކުވެސް ބަޤަރާ ޞޫރަތުން މިންވަރެއް ކިޔެވުމުގައި ހޭދަކުރުމެވެ. ފަހެ، ބަޤަރާ ޞޫރަތް ނިމުމުން އަނެއްކާވެސް ފަށައި ކުރިއަށް ގެންދިއުމެވެ.
ގެތަކުގައިވާ ކުޑަކުދިންނަށް މިއަދު ޝައިޠާނުންގެ އުނދަގޫފޯރާ އެންމެ ބޮޑު ސަބަބު ތަކަކީ، ތަރައްޤީ އަދި ކުރިއެރުމޭ ބުނެ ހޯދާފައިވާ އެކި އެކި ވަޞީލަތްތައް އެދެވިގެންވާ ގޮތް ނޫން ގޮތްތަކުން ބޭނުން ކުރުމެވެ.
އެގޮތުން ޓީވީ ސިލްސިލާތައް ބެލުމާއި، މިއުޒިކާއި ލަވާއާއި، ދީން ހުއްދަ ނުކުރާ ފަދަ ދެޖިންސު މައްސުނިވެފައިވާ ގައިގޯޅި ގޮތްތައް ގޭތެރޭގައި އިންޓަނެޓާއި ޓީވީ ސްކްރީންތަކުން ބަލައި އޭގެ މަސްތުގައި އެތައް ބަޔަކު ޖެހިފައި ވުމެވެ.
ފަހެ، މިފަދަ ފަރުވާތައް ކުރިއަސް އެއިން ނަތީއްޖާއެއް ނެރެވޭނީ ކިހިނަކުން ހެއްޔެވެ؟ ދަރިންތައް އެންމެ ޅައުމުރުން ފަށައިގެން ބޮޑެތި ވާއިރު ގޭގޭ ކޮޓަރީގައި ސިޓިންގް ރޫމް ތަކުގައި އަޅުވާފައި ހުންނަނީ މިފަދަ ފިލްމު ތަކާއި ޑްރާމާތަކާއި މިއުޒިކާއި ލަވަ އެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން ޙަރާމްވެގެންވާ ޢަމަލުތަކާއި ލަދުވެތިކަން ކުޑަ ފޭރާންތަކުގައިވާ މަންޒަރުތަކެވެ. ފަހެ، އެ ގެތަކުގެ ޙާލަތުވާނީ އެހިނދު ކިހިނެތް ހެއްޔެވެ؟
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. "އެ ގެއެއްގެ ތެރޭގައި ޣާފިލުކަން އިތުރުވެފައިވާ މިންވަރަކަށް، އަދި އޭގެ ސަބަބުތައް ކަމުގައިވާ މިއުޒިކާއި ޔޯލަޔޯލަ ވާހަކަތައް ދެކެވޭ މިންވަރަކުން، ބާޠިލް ކަންތައްތަކަށް ހިތްވަރުދީ އެކަންތައް ކުރުވުމުގައިވާ ޝައިޠާނުން އެތަނުގައި ވުޖޫދުވުން ގާތްކަންބޮޑުވެގެންވެ އެވެ."
ގެތަކަކީ ޙަރާމް ވެގެންވާ ޞޫރަ ބެހެއްޓުމާއި ކުއްތާ ގެންގުޅެވޭތަންތަން ކަމުގައި ވެއްޖެހިނދު އެއީ ޝައިޠާނުން ޙާޟިރުވާ ތަންތަން ކަމުގައިވެ އެވެ. ފަހެ، ފޮޓޯ އާއި ޞޫރަތައް ބެހެެއްޓުން މިއީ މި ޒަމާނުގައި ޢާންމުވެފައިވާ ބޮޑުވެގެންވާ ފިތުނަ އެކެވެ. رسول الله ﷺ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا تدخل الملائكة بيتا فيه كلب ولا صورة "އެ ގެއެއްގައި ޞޫރަ ބެހެއްޓިފައި އަދި ކުއްތާއެއް ވެއްޖެ ގެއަކަށް މަލާއިކަތުން ނުވަންނާނެތެވެ." صحيح البخاري 3322
ފަހެ، އެތަންތަނަކީ މަލާއިކަތުން ނުވަންނާނެ ތަންތަން ކަމުގައި ވެއްޖެހިނދު، އެތަނަށް ވެގެންދާނީ ކޮންތަކެއްޗެއް ވަންނަ ތަންތަނެއް ގޮތުގައި ހެއްޔެވެ؟ މީގެ އިތުރަށް އެތަންތަނަކީ މިއުޒިކާއި ލަވަޖެހުމުގައިވާ ތަންތަން ކަމުގައި ވެއްޖެހިނދު އެތަންތަނުގައި ޖިންނި ޝައިޠާނުން ޙާޒިރުވެ އެފަދަ ނުބައިވެގެންވާ ތަނެއް ކަމުގައި ވާނެ އެވެ.
ޝައިޠާނުންގެ ކިބައިން ރައްކާތެރިކަން ލިބުމުގައި އެންމެ ގަދަފަދަ ވިރުދު ތަކާއި ޛިކުރުތައް ކުޑަކުދިން އުނގަންނައި ދީ އެފަދައިން ތަރުބިއްޔަތު ދިނުމެވެ. އެގޮތުން آية الكرسي އާޔަތުލް ކުރްސި، الإخلاص އިޚްލާޞް ސޫރަތް المعوذتين ސޫރަތުލް-ފަލަޤް އަދި ސޫރަތުލް- އައްނާސި ފަދަ ޛިކުރުތައް އުނގަންނައި ދިނުމެވެ. ޙަދީޘްގައިވެ އެވެ. عقبة بن عامر އަށް ރަސޫލު الله صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. [އޭ عقبة بن عامر އެވެ! މި ދެ ސޫރަތުން ރައްކާތެރިކަން ހޯދާށެވެ. ރައްކާތެރިކަން ހޯދާ މީހަކަށް ރައްކާތެރިކަން ހޯދުމަށް މިފަދަ އެހެން ސޫރަތްތަކެއް ނުވާނެއެވެ.] – صحيح أبي داوود 1463
މި ސޫރަތްތައް ކިޔުމަށްފަހު ހަށިގަނޑަށް ފުމެލުމެވެ. عائشة رضي الله عنها ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلّى الله عليه وسلّم އާލާސްކަންފުޅުގައި އުޅުއްވާ ހިނދު، އަމިއްލަ ނަފްސަށް المعوّذتين ވިދާޅުވެ ހަށިކޮޅަށް ފުމެލައްވަ އެވެ. – رواه مسلم 2192 ފަހެ، އަމިއްލައަށް ނުކިޔޭވަރު ތުއްތު ކުއްޖެއް ކަމުގައިވާނަމަ، ކުއްޖާ ބޭއްވުމަށްފަހު މަންމަ ނުވަތަ ބެލެނިވެރިޔާ ސޫރަތްތައް ކިޔުމަށްފަހު ކުއްޖާގެ ހަށިގަނޑަށް ފުމެލައި އަތް އުނގުޅައިލުން ހުއްޓެވެ.
ނިދުމުގެ ކުރިން ޢަމަލުފުޅު ކުރުމަށް ވާރިދުވެގެންވާ ވިރުދު ތަކުގައި ދެމިހުރުމެވެ. عائشة رضي الله عنها ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلّى الله عليه وسلّم ކޮންމެ ރެއެއްގައި އެނދު ދާންކޮޅަށް އަރާވަޑައިގަތުމަށް ފަހުގައި، ދެއަތްޕުޅު އެއްކުރަށްވާ ދެ އަތްޕުޅަށް ފުމެލައްވައެވެ. އަދި الإخلاص ، الفلق ، الناس މި 3 ސޫރަތް ކިޔަވާ ވިދާޅުވެއެވެ. އަދި އެއަށްފަހު، ހަށިގަނޑުގައި ކުޅަދާނަވީ ހިސާބެއްގައި އަތްޕުޅު ބީއްސަވައެވެ. ފައްޓަވަނީ ބޯފުޅާއި މޫނުފުޅުންނެވެ. މިފަދައިން 3 ފަހަރަށް ތަކުރާރު ކުރަށްވައެވެ. އަމިއްލައަށް ނުކިޔެވޭ ކުއްޖާގެ މަންމަ ނުވަތަ ބަލަހައްޓާ ފަރާތުން މިފަދައިން ޢަމަލު ކުރެވިދާނެ އެވެ.
ﷲ ގެ ޙަޟުރަތަށް ރުޖޫޢަވެ،
ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވުން ގިނަ ކުރުމެވެ. ދަރިންނަކީ ރައްކާތެރިވެގެންވާ އަދި އިންސާނުންނާއި ޖިންނީންގެ ތެރެއިންވާ ނުބައި ފަރާތްތަކުން ސަލާމަތްވެގެންވާ ދަރިން ގޮތުގައި ވުމަށް ގިނަގިނައިން ދުޢާ ކުރުމެވެ. ފަހެ، މިއީ ނުހަނު ތަނަވަސް ވެގެންވާ ގޮތުގައި ވާހަކަ ދެއްކިދާނެ ބާބެއް ކަމުގައިވެ އެވެ. ފަހެ، މަންމަ އަދި ބަލަދުވެރިން ކޮންމެ ބަހަކުން ދުޢާ ކުރިކަމުގައިވީނަމަވެސް ﷲ އެ ދުޢާ އައްސަވައި ވޮޑިގަންނަވާނެ އެވެ. އިޖާބަ ކުރެވޭ ވަޤުތުތަކަށް އިސްކަން ދިނުންވެސް ހުއްޓެވެ.
(ލިޔުން ނަގާފައިވަނީ އަބޫއަސްއެމްވީ އިން)

