ހިޖާމާ ޖަހައިގެން ބަރުދަން ލުއިކުރެވޭނެކަމަށް ބުނެ ފަޒީސް ހިޖާމާ ކްލިނިކުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ސިއްހީ ވުޒާރާއިން ފަށައިފިއެވެ.
ފަޒީސް ހިޖާމާ ކްލިނިކުން އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިޖާމާގެ އެންމެ ސެޝަނަކުން 3-4 ކިލޯ ލުއިކޮށްލެވޭނެ ކަމަށާއި، ބަރުދަން ލުއިކުރުމަށް ޑައިޓް ކުރުމާއި ކަސްރަތު ކުރުން އަދި ދުވުން ފަދަ ކަންކަން ކުރާކަށް ނުޖެހޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސިއްހީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕޯސްޓާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތަކެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިއީ ފަޒީސް ހިޖާމާ ކްލިނިކާ ގުޅިގެން ސިއްހީ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ފުރަތަމަ ފަހަރު ނޫންކަމެވެ. މީގެ ކުރިންވެސް އެ ކްލިނިކާ ގުޅުންހުރި އެކި މައްސަލަތައް ސިއްހީ ވުޒާރާއިން ވަނީ ބަލައިފައެވެ.
ސިއްހީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި ހިޖާމާއަކީ ބަރުދަން ލުއިކުރުމަށް ބޭނުންކުރެވޭ ފަރުވާއެއް ނޫނެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ކަމެކެވެ.

