ކ. ގުޅީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާކަމަށާއި، ގޮންޑުދޮށް ހިމާޔަށް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް “މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ”، އެމްޓީސީސީން ބުނެފިއެވެ.
ގުޅީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހު ގުޅިއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ އެރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އެވަޢުދުފުޅާ އެއްގޮތަށް ގުޅީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.
އެމްޓީސީސީއާ ބިން ހިއްކުމުގެ މަޝްރޫ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މަރިޗުމަހުއެވެ. މިމަޝްރޫޢާއެކު ގުޅީ ބިން 2 ގުނައަށް އިތުރުވެގެންދާނެއެވެ. މިމަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

