ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް، ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އައު ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުުވުމުގެ ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް، އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.

އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެއެވެ. އޭގެ އިތުރުން އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވެއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ މިއަދުގެ ޓްރަޔަލް ކުރިއަށް ގެންދެވި ގޮތް ގާތުން ބައްލަވާލައްވައި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މިއަދުގެ ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު އެވެ.

ސީއީއޯ ޝަރީފުގެ އިތުރުން އެ ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޓްރަޔަލްއަށްފަހު ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ޝަރީފު ވިދާޅުވީ އެމްއޭސީއެލްއާ ގުޅިގެން މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތަކުގެ ޓްރަޔަލްތައް މިއަދު ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ.
އެއަށްފަހު މިއަހުރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަގްވާމީ ގިނަ އެއަރލައިންތަކުގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރެވިގެން ދާނެއެވެ.

