ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއީ ހެލްތް މިނިސްޓރްީގެ އެދުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެއްކަމަށާއި، މި މަޝްރޫޢުގެ ބީލަމަށް ފިނޭންސުން މިހާރު ވަނީ ހުޅުވާލައިފައި ކަމަށެވެ.
އިއުލާނުގައި ވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓުމަންޓް ބޭންކް (އޭއައިއައިބީ)ގެ އެހީގައި ދިވެހި ސަރުކާރުން ހިންގަމުންދާ މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަރޑްނަސް ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްޓަކައި 1,500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ އިއްޔެއިން ފެށިގެން އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށެވެ.

