ބްރެޒިލްގެ ފުޓްބޯޅަ ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފިއެވެ.
އެންޗެލޮޓީގެ މައްޗަށް ސްޕެއިންގެ ކޯޓަކުން މި ހުކުމް ކުރީ ޓެކްސް އޮޅުވާލުމުގެ ދައުވާ އަކާއި ގުޅިގެންނެވެ. ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި 2013 އިން 2015 އާ ދެމެދު އެންޗެލޮޓީ މަސައްކަތްކުރި ދުވަސްވަރު، އޭނާގެ މުސާރައިން ޓެކްސްގެ ގޮތުގައި އެއް މިލިއަން ޔޫރޯ (830,000 ޕައުންޑް) ނުދައްކާ ކަމަށް ތުހުމަތު ކުރެވުނެވެ. ސްޕެއިންގެ ގާނޫނުގައި ވާގޮތުން އޭނާ ޖަލަށް ދާން ނުޖެހުނު ކަމުގައިވިޔަސް އޭނާ 386,361.93 ޔޫރޯ (333,045.92 ޕައުންޑް) ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.
އުމުރުން 66 އަހަރުގެ އެންޗެލޮޓީ، ރެއާލް މެޑްރިޑްގެ ކޯޗުކަމުން މިދިޔަ ސީޒަން ނިމުމުން ވަކިވުމަށްފަހު އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާއި ހަވާލުވެފައެވެ.
2024 ވަނަ އަހަރުގެ މާޗް މަހު އެމީހުން ވަނީ އެންޗެލޯޓީގެ ހަގީގީ އާމްދަނީ ފޮރުވުމަށް ޝެލް ކުންފުނިތަކެއް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައެވެ. ޕީޖީން ބުނެފައިވާގޮތުގައި އެންޗެލޮޓީ ވަނީ ވާޖިން އައިލެންޑްސްގައި "ހަގީގީ (އިގްތިސާދީ) އެއްވެސް ހަރަކާތެއް" ނެތް އެއް ކުންފުންޏެއް ކަމަށް ބުނާ ސްކީމެއްގެ ތެރެއިން ބޭނުންކޮށްފަ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިޓަލީގެ ކޯޗަކީ ޓެކްސް ނުދައްކާ މައްސަލައިގައި ދައުވާކޮށްފައިވާ މަޝްހޫރު ތަރިންގެ ލިސްޓުގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން މެޑްރިޑްގެ ކުރީގެ އެހެން ކޯޗު ހޯސޭ މޮރީނިއޯ ވެސް ހިމެނެ އެވެ.

