ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ބޮޑު ކުރިއެރުމެއް މިދިޔަ އަހަރާ އަޅާބަލާއިރު ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޖަމާކުރި ފައިސާގެ އަދަދު ނިމުނު އަހަަރާ ބަލާއިރު އެ މުއްދަތުގައި ޖަމާކޮށްފައި ހުރި ފައިސާއަށްވުރެ %60 ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރު އެ މުއްދަތުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކޮށްފައިވަނީ 629.9 މިލިއަން ރުފިޔާއެވެ. އެއީ 40 މިލިއަނެއްހައި ޑޮލަރެވެ.
މި އަހަރުގެ ޖޫން 26 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޖަމާކޮށްފައެވެ. އެއީ ޑޮލަރުން ބަލާނަމަ ގާތްގަނޑަކަށް 65 މިލިއަން ޑޮލަރެވެ.
ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އެސްޑީއެފްއަށް ސަރުކާރުން ޖަމާކުރި ފައިސާގެ އަދަދު %60.1 ވަނީ އިތުރުވެފައެވެ.

