ހއ. ވަށަފަރު ސްކޫލުގެ ކުލާސްރޫމެއްގައި މިއަދު ހެނދުނު އިންޓަވަލް ގަޑީގައި ސީލިން ވެއްޓި، ގްރޭޑް 9 ގެ ދެ ދަރިވަރަކަށް އަނިޔާވެ، ފަރުވާ ދޭންޖެހިއްޖެއެވެ.
މި ހާދިސާގައި އަނިޔާވި ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކު އުޅަބޮއްޓަށް ލިބުނު ގެއްލުމަކާ ގުޅިގެން އިތުރު ފަރުވާއަށް ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އެކްސްރޭ ނެގުމަށްފަހު އެއްވެސް ސީރިއަސް މައްސަލައެއް ނެތުމުން މިހާރުވަނީ ގެއަށް ދޫކޮށްލާފައެވެ. އަނެއް ދަރިވަރަށްވެސް ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ވަނީ ގެއަށް ފޮނުވާލާފައެވެ.
ސީލިން ވެއްޓުނު އިމާރާތަކީ އެ ސްކޫލުގައި އެންމެ ފަހުން އިމާރާތްކޮށް، 2020 ވަނަ އަހަރު ބޭނުންކުރަން ފެށި އިމާރާތެވެ. މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އިމާރާތުގެ ސީލިންގުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވި، އެކަން މިނިސްޓްރީއަށް ވަނީ ކުރިން ހުށަހަޅާފައެވެ. އަދި މި ހާދިސާ ހިނގިއިރު ތަނުގެ މަރާމާތަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލުގައި ޖުމްލަ 85 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން އަންނަ އާދީއްތަ ދުވަހު މުޅި ސްކޫލުގެ ސީލިން ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

