އއ.ފެރިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރުގެ ކުއޭވޯލް އަޅައި ނިމި، މިހާރު ކުރިއަށްދަނީ ފޭމެންޓް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
47.04 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 23,579 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 7,848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 4,268 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން 403 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 80 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން 2,481 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

