އެންސިސް ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ގުދަނުން ގިނަ އަދަދަކަށް ދުން އަރަމުންދާތީ، މުޅި ސަރަހައްދަށް ދުމުގެ އަސަރު ފެތުރިފައިވާ ކަމަށާއި، ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމާ ގުޅިގެން އެ ސަރަހައްދަށް މީހުން ނުދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންނަމަވެސް، މި ވަގުތު ގިނަ އަދަދެއްގެ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ.
ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީބުނެފައެވެ.
އަލިފާން ރޯވި ގުދަން ހުރި ސަރަހައްދަކީ ދިވެހި ފުލުހުންނާއި ސިފައިންނަށް ޚާއްސަ ފްލެޓްތައް ހުރި ސަރަހައްދެއް ކަމަށްވުމާއެކު، މި ހާދިސާއާ ގުޅިގެން އާންމު ރައްޔިތުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވޭތޯއާއި، މި ހާދިސާ ހިނގި ސަބަބު ބަލަމުންދާ ކަމަށް ވެސް އެ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

