މާލެ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިރޭ މާލެ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ރީނދޫ އެލާޓެއް ނެރެފިއެވެ. މި އެލާޓް ދެމިއޮންނާނީ މިރޭ 19:30 އިން ފެށިގެން 23:30 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުރުގުރުމާއެކު ވިއްސާރަވުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރާފައިދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މިއަދު މެންދުރުން ފެށިގެން ހަވީރު މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި، މާލޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރައްޔިތުންނަށް އިލްތިމާސްކުރައްވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދެއްވާފައިވެއެވެ

