ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މިފްކޯ އާއި އަދި އެއްވެސް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން މިއަދު ގެނެސްދިން ހަބަރެއްގައި ބުނެފައިވަނީ ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސިވިލާތުން މިފްކޯ ބްލެކްލިސްޓުކޮށް ބޭން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ހަބަރަކީ ހަގީގަތާ ހިލާފު ދޮގު ހަބަރެއްކަމަށް ވަޒީރު ޝިޔާމް ވިދާޅުވެއްޖެއެވެ.
"ކަނޑައެޅިގެން އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ވާހަކަ ދަންނަވަން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ޝިޔާމް ވިދާޅުވީ، އަންނަ ހަފްތާގައިވެސް އިނގިރޭސިވިލާތުގެ މޭޖަރ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ ވަޑައިގަންނަވާ ކަމަށެވެ.
މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށާއި، އެތައް އާއިލާއެއްގެ ދިރިއުޅުން ބަރޯސާވެފައިވަނީ މަސްވެރިކަމަށް ކަމަށް ފާހަގަކުރައްވަމުން، މިފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށާއި މުޅި ގައުމަށް ނިކަމެތިކަން އަންނާނެ ގޮތަށް ރަޖިސްޓަރީ ކޮށްފައިވާ ނޫސް އެޖެންސީއަކުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ވަޒީރު ޝިޔާމް ވިދާޅުވެފައިވެއެވެ.

