މިއަދުގެ ހެނދުނުގެ ވަގުތެއްގައި ގދ. ގައްދުއިން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ޑިންގީއެއްގައި ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަބަރެއް ނުވެގެން ހަވީރު 5:5 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ
މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެމީހާ ގަމުން ފުރާފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އެމީހާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ގަމާއި ގަން ކައިރި ފަޅު ރަށްތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

