އިސްލާމީ މަރުކަޒަށް ވާރޭވެހޭ މައްސަލަ ހައްލުކުރުމަށް ކަމާގުޅޭ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މާލެއަށް ވެހުނު ބޯ ވާރޭއާ ގުޅިގެން އިސްލާމީ މަރުކަޒުގެ މިސްކިތް ހިމެނޭ ސަރަހައްދަށް ވާރޭ ވެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މަރުކަޒުގެ ޓިނު ބަދަލުކޮށްފައިވަނީ މިދިޔަ އަހަރު ކަމަށާއި، އެސްޓީއޯގެ ޓިނު ޖަހައި، އެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީން ކަމަށެވެ.
"އޭގެ ކުރިން ހުރި ޓިނު ބަދަލުކުރީ ވެސް އެތެރެއަށް ވާރޭ ވެހޭތީވެ، 40 އަހަރު ވެފައިވާ ޤައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީ އިން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން،" ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒަށް މިރޭ ވެހުނު ވާރޭއާ ގުޅިގެން ފާޅުކުރެވޭ ކަންބޮޑުވުންތައް ބަލައިގަންނަވާ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ކަމާގުޅޭ ޓީމުތަކުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އެންމެ މުހިންމު އެއް އާސާރީ ތަރިކައިގެ ގޮތުގައި ފާހަގަކުރެވޭ ތަނެއް ކަމަށްވެފައި، މި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަން ފާހަގަކުރެވެއެވެ.

