ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތް 35 އަހަރުގެ ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް ރ. ދުވާފަރުން ފެނިއްޖެއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މުވައްޒަފު ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިރޭ 8:43 ގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މުވައްޒަފު ގެއްލުނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތުމަށްފަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި ކައިރީގައި ހުރި ރިސޯޓުތަކުން ވެސް ބައިވެރިވިއެވެ.
ފުލުހުން މިރޭ 10:30 ގައި ހިއްސާކުރެއްވި މައުލޫމާތުގައި ވިދާޅުވި ގޮތުން ގެއްލުނު މުވައްޒަފު ވަނީ ރ. ދުވާފަރަށް ގޮސްފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި ހާދިސާ ހިނގީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުންދާ ދުވަސްވަރެއްގައެވެ. މިގޮތުން މިއަދު ލ. ހިތަދޫން ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވެފައިވާ އިރު، ގދ. ގަމުން ޑިންގީއެއްގައި ދަތުރުކުރަމުންދިޔަ 75 އަހަރުގެ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.
މޫސުން ގޯސްވެފައިވާ މި ދުވަސްވަރު ކަނޑުމައްޗަށް ނުކުތުމުގައި ފަރުވާތެރިވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

