ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، އިއްޔެ (ޖުލައި 10) އެކަނި ކަނޑުމަތީގެ 7 ނުރައްކާތެރި ހާދިސާ ހިނގައި، އެމްއެންޑީއެފް ކޯސްޓްގާޑަށްރިޕޯޓުކޮށްފައިވާ ކަމަށް އެ ސާވިސް އަން ބުނެފިއެވެ. މި ހާދިސާތައް ހިނގާފައިވަނީ އިއްޔެ މެންދުރު 12:00 އިން ރޭގަނޑު 10:30 އާ ދެމެދުގެ ވަގުތުތަކުގައެވެ.
އިއްޔެ އެކަނިވެސް ކަަނޑުމަތީގެ 7 ހާދިސާއެއް؛
- ގދ. ގައްދޫން ގަމަށް ދިޔަ މީހަކު ގެއްލުން
ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު އަދިވެސް ވަނީ ނުފެނިފައެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ ފަރާތް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. - އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދިޔަ މީހަކު ގެއްލުން
ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ނަމަވެސް، އެ ފަރާތް ވަނީ ފަތައިގެން ރ. ދުވާފަރަށް އަރާފައެވެ. - އަރިއަތޮޅު ކައިރިން އުޅަނދެއްގެ އިންޖީނު ހުއްޓުން
އަރިއަތޮޅު ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުން، އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެއަށް ދަތުރުކުރަމުންދާކަމަށް ވެއެވެ. - ބ. ދަރަވަންދޫ ކައިރިން ސަފާރީއެއް ދިޔަވުން
22 ގެސްޓުންނާއި 15 ފަޅުވެރިންނާއެކު ބ. ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވާން ފެށުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ރޭގަނޑު 22:23 ގައި ވަނީ ސަލާމަތްތެރިކަމާއެކު ބ. ދަރަވަންދޫއަށް ވަދެފައެވެ. - ގިރިފުށި ކައިރިން ލޯންޗެއް ފަރަށް އެރުން
ކ. ގިރިފުށި ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަރަށް އެރުމުން، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި މިއަދު 00:05 ގައި ވަނީ ކ. ހިންމަފުށްޓަށް ގެންގޮސްފައެވެ. - މ. އަތޮޅުން މަސްދޯންޏެއް ގެއްލުން
މ. އަތޮޅުން ހަތް މީހުންނާއެކު މަހަށް ފުރި ދޯންޏެއް އަދިވެސް ވަނީ ނުފެނިފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. - “އޯޝަން އެކްސްޕްރެސް” އަޑިއަށް ދިއުން
މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ “އޯޝަން އެކްސްޕްރެސް” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށް ގޮސްފައިވެއެވެ. އެ ބޯޓުގައި ތިބި 8 ދިވެހީންނާއި 4 ބިދޭސީން ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113 ގައި ރޭގަނޑު 22:52 ގައި މާލެ ގެނެސްފައެވެ.

