ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒުވާނުންގެ ތަރައްޤީއަށް އިތުރު އިންވެސްޓްމަންޓްތަކެއް ކުރުމަށް ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.
އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، ގައުމުގެ މުސްތަގުބަލުގެ ހަރުދަނާކަމާއި ކުރިއެރުން ކަށަވަރުކުރުމުގައި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖެއްގައި، ވަނީ ޒުވާނުންނަށް މަގުފަހިކޮށްދޭ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ އަޒުމު އަލުން ދަމަހައްޓަވާފައެވެ. މިގޮތުން މަސައްކަތުގެ ގަޑިތަކުގެ ލުއިފަސޭހަކަމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން، ކުޑަކުދިންގެ ފަރުވާ އަދި ރަނގަޅު ފެންވަރުގެ ތަޢުލީމާއި ސިއްހީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުން ހިމެނެއެވެ. އަދި ޒުވާނުންނަށް އިންފޯމްޑް ނިންމުންތައް ނިންމުމަށް ބާރުއެޅުމަށްޓަކައި، ރިޕްރޮޑަކްޓިވް ހެލްތު ޚިދުމަތްތަކާއި، ކައުންސެލިންގ އަދި ފުރިހަމަ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
ދުރު މުސްތަގުބަލަށް ރޭވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ގައުމުގެ ހަގީގަތްތައް ދައްކުވައިދޭ އަދި ކުރިމަގުގެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް އެހީތެރިވާނެ ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނުގެ އެކްސް އެކައުންޓުގައި މި ޚިޔާލުތައް ތަކުރާރުކުރައްވަމުން، 2062 ވަނަ އަހަރާ ހަމައަށް އާބާދީގެ ފަސްބައިކުޅަ އެއްބައި 65 އަހަރުން މަތީގެ މީހުން ކަމަށް ލަފާކުރެވޭއިރު، އުމުރުން ދުވަސްވީ މުޖުތަމައެއްގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން އަހައްމިއްޔަތުކަން ދޭކަން ފާހަގަކުރައްވާފައިވެއެވެ.
ދުނިޔޭގެ އާބާދީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި 11 ވަނަ ދުވަހުއެވެ. މި ދުވަހުގެ މަޤްސަދަކީ އާބާދީއާ ގުޅުންހުރި މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

