ކ. ރިހިވެލި ކަނޑުއޮޅި ކައިރިއަށް އަޑިއަށްދިޔަ ލ. ހިތަދޫ ބޯޓު، އޯޝަން އެކްސްޕްރެސް ގައި ހުރި ސާމާނު އޮޔާދާނެތީ ސަމާލުވުމަށް “މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް” އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ބުނީ މާލެއިން ފުރައިގެން ލ.ހިތަދޫ އަށް ދަތުރުކުރަމުންދަނިކޮށް ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، ކ.ރިހިވެލި ކަނޑުއޮޅި ކައިރިއަށް ޖުލައި 10ވަނަ ދުވަހު އަޑިއަށްދިޔަ “އޯޝަން އެކްސްޕްރެސް” ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެެވެ.
އަދި ޙާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވާ ކަމަށެވެ.
ބޯޓު އަޑިއަށް ދިޔަ އިރު، ބޯޓުގައި ފަޅުވެރިންނާއެކު 12 މީހަކު ތިއްބެވެ.
މި އެންމެން ވަނީ ސަލާމަތުން މާލެ ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 4 ބިދޭސީންނެވެ.

