ސިއްހީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ ރޭ އަވަހާރަ ވުމުގެ ހިތާމައިގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި ރާއްޖެއިންބޭރުގެ ބައެއް ޤައުމު ތަކުގައިވެސް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. އިބްރާހީމް މުޞްޠަފާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ޑރ. އިބްރާހީމް މުޞްޠަފާ އަކީ ތަޢުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެއާއި ރާއްޖެއިންބޭރުގެ ބައެއް ޤައުމު ތަކުގައިވެސް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.
އުމުރުން 57 އަހަރުގައި ޑރ. އިބްރާހީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގެންދިޔަ ތަނާއެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ.

