ގެއްލުނު ޒަކަރިއްޔާ ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި

ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލައިފިއެވެ.
ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި، ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި އޮޕަރޭޝަންގައި ގދ.ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޒަކަރިއްޔާ މުޙައްމަދު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
