ލ. މާމެންދޫގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ ކުރީގެއެމްޑީ އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ދައުވާކޮށްފިއެވެ.
އެ މައްސަލަ “އެންޓި ކޮރަޕްޝަން ކޮމިޝަން” އޭސީސީން ބަލައި ސައީދާއި އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ސައީދުގެ މައްޗަށް ދައުވާކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަށުންނެވެ.
2023 ވަނަ އަހަރު އޭޕްރީލް 30، ގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުރެ، ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުދިޔާއަށް އެ އައިސްޕްލާންޓު ގަތް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި މުއާމަލާތް ހިންގާފައިވަނީ ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ލަފައެއް ނެތި، އަދި ފެނަކައިގެ ބިޒްނަސް ޕްލޭންގައި މި ޕްރޮޖެކްޓަކީ މާލީ ގޮތުން ފައިދާހުރި ޕްރޮޖެކްޓެއް ނޫން ކަމަށް ބަޔާންކޮށްފައި ވަނިކޮށެވެ. އަދި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު ބޭއްވުނު ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި، ފެނަކައިން އިންހައުސްކޮށް އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ހާމަނުކޮށް، ކައިޒާން އިންވެސްޓްމަންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.
އެ މައްސަލާގައި ސައީދުގެ މައްޗަށް ދައުވާކުރީ މިދިޔަ މެއި މަހުގެ 20 ގައެވެ.
މި މައްސަލާގައި ސައީދުގެ މައްޗަށް ކުރެވޭ ދައުވާ ސާބިތުވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވެއެވެ.

