ފަސް ފުލުހަކު ފޮރެންސިކް ޑައިވިން ކޯސް ފުރިހަމަކޮށްފިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ)ގެ ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ “އޯޕަން ވޯޓާ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓާ ޑައިވް، އީއެފްއާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވާ ކޯސް” ނިންމުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފައެވެ.
ހަތަރު ގައުމަކުން ބައިވެރިވި 10 ފުލުހަކު ވެސް ވަނީ އެ ކޯސް ކާމިޔާބީއާއެކު ފުރިހަމަކޮށްފަ އެވެ. އެ ކޯހުގައި 5 ދިވެހި ފުލުހުނާއި، ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާއިން ބައިވެރިވި 5 ފުލުހުން ހިމެނެއެވެ. މި ތަމްރީނު ކޯސް ފަށައިފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ކަމަށްވާއިރު ކޯސް ނިމުނީ އިއްޔެއެވެ.
ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ ކޮމިޝަނަ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. އެހެނިހެން ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓަންޓް ކޮމިޝަނަ އަހުމަދު އަބްދުއްރަހްމާނާއި، ޗީފް އިންސްޕެކްޓަރު ސައީދު އަބްދުލް ހަކީމެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވާހަކަފުޅު ދައްކަވަމުން، ކޯސް ނިންމި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިން ފަދަ ފުލުހުންގެ ހާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

