އެންދެރި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތުގައި ބެލެހެއްޓުމުގެ ތަމްރީނު ކޯހުގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެއެވެ. މި ކޯހަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު މި އަހަރުގެ ޖަނަވަރީ މަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފެށި ކޯހެކެވެ.
އެމް.އެން.ޔޫ ލާމު ގަން ކެމްޕަހުގައި ބޭއްވުނު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޖުމްލަ 17 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި ލ. އަތޮޅުން ސްކޮލަޝިޕް ލިބުނު 10 ފަރާތަކާއި، މުޅި ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މިހާރުވެސް ހަރަކާތްތެރިވާ 7 ފަރާތް ހިމެނެއެވެ.
މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމިކަމުގެ މާއްދާތައް ކިޔަވައިދެވުނެވެ. އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޯހުގެ ފުރަތަމަ ބެޗް އަމާޒުކުރެވިފައިވަނީ ލ. އަތޮޅަށެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެފައިވަނީ، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ގިނަ ސަރަޙައްދުތަކެއް ހުރިނަމަވެސް، އެތަންތަން ބެލެހެއްޓުމަށް ހަރަކާތްތެރިވަނީ މަދު ރޭންޖަރުންތަކެއް ކަމަށެވެ. “ރާއްޖޭގައި މަސައްކަތްކުރާ ރޭންޖަރުންގެ އަދަދު މަދު ނަމަވެސް، އެއީ ވަރަށް މުހިއްމު އަދި ބުރަ މަސައްކަތެއް ކުރާ ބައެއް،” ވަޒީރު ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި އިތުރު ރޭންޖަރުން ތަމްރީނުކޮށް، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

