ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދުގެ ޑިންގީ މިއަދު ފެނިއްޖެއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 79 އަހަރުގެ ޒަކަރިއްޔާގެ ޑިންގީ ފެނިފައިވަނީ ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިންނެވެ.
ޑިންގީ ފެނުނީ މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައެވެ. މި ޑައިވްގައި ސިފައިންނާއި ފުލުހުން ބައިވެރިވިއެވެ. ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވެއެވެ.
މި އޮޕަރޭޝަންގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އަދި ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންގެ އިތުރުން ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުން ވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ.
ޒަކަރިއްޔާ ގެއްލުނު ދުވަހު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އޭނާ ދަތުރުކުރި ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެކެވެ. ގައްދޫން ގަމަށް ދާން އޭނާ ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރުއެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

