ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހެނދުނު 9:30 ގައި ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ސަރަޙައްދުގައި ފަށައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ. މި ބަދަލާ ގުޅިގެން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވެސް ވަނީ ބަދަލުވެފައެވެ.
ގޯތި ލިބޭ ފައިނަލް ޕްލޮޓްތައް ކަނޑައަޅާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުލުމުގައެވެ. އައު ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލުވެސް ޕޯޓަލްގައި ހިމަނާފައިވެއެވެ.
ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހޭނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލާއި، ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ހުށަހަޅަންޖެހޭނެއެވެ. މީގެއިތުރުން މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލުވެސް ގެންނަންޖެހެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވިގޮތުގައި، އެޕޮއިންޓްމަންޓް ގަޑިއަށްވުރެ 5 މިނެޓް ލަސްވެ ހާޒިރުވާ ފަރާތްތަކާއި، ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކުގެ އެޕޮއިންޓްމަންޓް ކެންސަލްވާނެއެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން އަންގާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

