ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވަނީ، ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، ޝުކުރު ދަންނަވާފައެވެ. އަދި ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަން ފާހަގަކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގައި ލައިބްރަރީ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ ވުޖޫދުވި 1945 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހާ ގުޅުވައިގެންނެވެ. އަދި މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ.
ރާއްޖޭގެ ޤައުމީ ކުތުބުޚާނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ކުތުބުޚާނާއެވެ. މި ކުތުބުޚާނާގައި ދިވެހިބަހުން ލިޔެފައިވާ 10،000 އަށްވުރެ ގިނަ ފޮތް ހުރިކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ 80 ވަނަ ލައިބްރަރީ ދުވަސް މިއަދު ފާހަގަކުރާއިރު، ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ކުތުބުޚާނާގައި 15،000 ފޮތް ހިމެނޭއިރު، މިއީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ކުތުބުޚާނާއެކެވެ.

