ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު އާންމުކުރި އިއުލާނެއްގައި މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ވަކި ގަޑިތަކެއްގައި ކަރަންޓު ކެނޑިދާނެ ކަމަށް އަންގައި، އާންމުން މިކަމަށް ސަމާލުވުމަށް އެދިއްޖެއެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކަރަންޓު ކެނޑުން ދިމާވަނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާ ގުޅިގެންނެވެ. މާލޭގެ ނިކަގަސް މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ވަނީ އިންޒާރު ދީފައެވެ.
ހަމައެއާއެކު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރަބަރުގަސްމަގު ގޯޅި 1 އަދި 2، އޯކިޑްމާ ހިނގުން، އިރުދޭމާ ހިނގުން ގޯޅި 2 އަދި 3، އަދި ދުނބުރިމަގު ހިމެނޭ ސަރަހައްދުތަކުން މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ އަންގާފައެވެ.
މި ސަރަހައްދުތަކުގެ ރައްޔިތުން މިކަމަށް ތައްޔާރުވެ، އަޅަންޖެހޭ ފިޔަވަޅުތައް ކުރިއާލާ އެޅުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަހަކަށް އައިސް ސްޓެލްކޯއިން ދަނީ ކަރަންޓު ނެޓްވޯކް ރަނގަޅު ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

