މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށްވެ، ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގަމުންދިޔަ މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އިން މިއަދު ފަށައިފިއެވެ.
މިނިސްޓްރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި، “އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާއާއި ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަމަށް ވަޒަންކުރެވޭތީ، އެ ތިން އިމާރާތްވެސް ތަޅާލަން ނިންމާފައިވާ” ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ ކަމެއް ކަމުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ތިން ފަންގިފިލާގެ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމް.އެން.އެސް.އެލް) ގެ އިމާރާތެކެވެ. މި އިމާރާތަކީ އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ އިމާރާތެކެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކުރަމުންދިޔަ އެންމެ ބޮޑު އެއް ޝަކުވާއަކީ، މި އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަންނަ ތަނަކަށްވެފައިވާ ކަމެވެ.
ފާއިތުވި ދުވަސްތަކުގައި އޯކިޑް ޕްލާޒާ އާއި ހައުސް ޕްލާޒާގައި ތަފާތު އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވެއެވެ. އެމްއެންޑީއެފުން ކުރިން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ހާދިސާތައް އާންމުކޮށް ހިނގަނީ އިމާރާތްތަކުގެ ތެރޭގައި ހުރި ކުނިބުނީގައެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ މަސައްކަތް ކުރިއަށްދާއިރު އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މި އިމާރާތްތައް ތަޅާލުމަކީ، މިފަދަ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

