ހާއްސަ އެހީއަށް ބޭނުންވާ ހުންނަ މީހުންގެ ގައުމީ ދަފްތަރުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 14،412 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ދަފްތަރަކީ ދައުލަތުން އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އެކުލަވާލާފައިވާ ދަފްތަރެކެވެ. ދަފްތަރުގައި ހިމެނޭ 8 ގިންތީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކެވެ. މި ބައިގައި 4،117 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،818 އަންހެނުންނާއި 2،299 ފިރިހެނުންނެވެ.
އެހެނިހެން ގިންތިތަކުގެ ތަފްސީލު
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަލްޓިޕަލް ޑިސްއެބިލިޓީ ހުރި 3،224 މީހުން ދަފްތަރުގައި ހިމެނެއެވެ. މީގެ ތެރޭގައި 1،134 އަންހެނުންނާއި 2،090 ފިރިހެނުން ހިމެނެއެވެ. އަދި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި 1،889 މީހުންނާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުރި 1،793 މީހުން ވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.
މީގެއިތުރުން، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،745 ފަރާތަކާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުރި 1،003 ފަރާތެއް ދަފްތަރުގައި ހިމެނެއެވެ. އަދި އޯޓިޒަމް ހުރި 586 ފަރާތަކާއި، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރި 55 ފަރާތެއްވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.
މި ދަފްތަރުގައި ހިމެނޭ މައުލޫމާތުގެ އަލީގައި އެ ފަރާތްތަކުގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް އެންސްޕާއިން މަޢުލޫމާތު ދީފައިވެއެވެ.

