“އަހާ” ފޯރަމުގެ އައު ޕްރޮގްރާމެއް ހަތަރު ވަޒީރުންނާއެކު، ހޯމަ ދުވަހުގެރޭ ކުރިއަށް ގެންދާނެ ކަމަށް ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އިން މިއަދު ހާމަކޮށްފިއެވެ.
މި ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ މި ސިލްސިލާ ފޯރަމްތަކަކީ އާންމު ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ ފޯރަމްތަކެކެވެ. މިއީ މި ސިލްސިލާގެ ފަސްވަނަ ފޯރަމެވެ.
ދެ ގަޑިއިރުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމާއި، ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ފޯރަމެކެވެ. ފޯރަމުގައި ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން “AH” ޖައްސަވާ، ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު ސުވާލު ލިޔުއްވައި 300 އަށް މެސެޖް ކުރެއްވުމަށް ވަނީ ދަންނަވާފައެވެ.
މި ފޯރަމްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރެއިން، ހާމަކަން ބޮޑު އަދި ޖަވާބުދާރީވަނިވި ސަރުކާރެއް ހިންގެވުމަށްޓަކައި ބާއްވަމުން އަންނަ ފޯރަމްތަކެކެވެ.

