ހުޅުމާލެ ފޭސް އެކެއްގައި ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރަމުން ދިޔަ 59 އަހަރުގެ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:16 އެހައިކަށް އިރުއެވެ. އެކްސިޑެންޓް ހިނގީ ފޭސް 1 ގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވަމުން ދިޔަ ސައިކަލަކުން ކަފިހި ހުރަސް މަތިން ހިނގަމުން ދިޔަ އަންހެން މީހާގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިންގި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އެކްސިޑެންޓް ހިންގި ސައިކަލު ވަނީ ފުލުހުން ޓޯކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
ދާދިފަހުންވެސް ކަފިހި ހުރަސްމަތިން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާތަކެއް ވަނީވެފައެވެ.

