ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ތެރެއިން، ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންތައް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޚިދުމަތް ދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އެއްބަސްވުންތަކުގެ ތެރެއިން ވެވުނު ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން ގަސްގަހާގެއްސާއި އެކި ޖަނަވާރުތައް ވައިގެ މަގުން އެތެރެކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
“މިއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް އެމްއޭސީއެލްގެ ޚިދުމަތްތައް ބައްޓަންކޮށް، އޮޕަރޭޝަނަލް އެފިޝިއަންސީ ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއް،” އެމްއޭސީއެލްއިން ވިދާޅުވިއެވެ. އަދި ޚާއްސަކޮށް ވީއައިއޭގެ އާ ޓާމިނަލްއާ އެކު އެމްއޭސީއެލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިޝްހާގު އާދަމެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ ގަސްގަހާގެއްސާއި ޖަނަވާރުތައް އެތެރެކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

