ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުން ފާހަގަކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ޚާއްޞަ ރެލީއެއް ބާއްވައިފިއެވެ. މި ރެލީ ފެށިގެން ދިޔައީ އެމްއޭސީއެލްގެ ހެޑް އޮފީހުންނެވެ.
ރެލީގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، އައު ޓަރމިނަލާ ގުޅޭ މުހިންމު މަޢުލޫމާތު ޢާންމުންނާ ހިއްސާކުރެވުނެވެ. މީގެ ތެރޭގައި ހުޅުމާލޭ ސެންޓްރަލް ޕާކާއި، ފެރީ ޓަރމިނަލް އަދި ދެވަނަ ފިޔަވަހީގެ ޕާކުތައް ހިމެނެއެވެ. ކޮންމެ ސަރަހައްދެއްގައި ހުއްޓުމަކަށްފަހު، އެއަރޕޯޓާ ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން ސަގާފީ ހުށަހެޅުންތައް ހުށަހަޅައި، ކުޑަކުދިންނަށް ހަދިޔާ ބެހުން ފަދා ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ޢައިޝަތު ނާޒިމާ ވިދާޅުވި ގޮތުގައި، “މި ރެލީގެ މައިގަނޑު މަޤްޞަދަކީ އައު ޓަރމިނަލް ހުޅުވުމުގެ އުފާވެރި މުނާސަބާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް، އެ އުފާ ޢާންމުންނާ ހިއްސާކުރުމެވެ.” އަދި މި ރެލީ މާލޭގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ވަނަ ދުވަހުއެވެ. މި ޓަރމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތަކާއެކު ޤާއިމުކުރެވޭ ޓަރމިނަލެކެވެ.
އައު ޓަރމިނަލް ހުޅުވުމާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، އިޤްތިޞާދީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރާއްޖޭގެ މިނިވަން ދުވަހުގެ 60 ވަނަ އަހަރީ ފާހަގަކުރުމުގެ ގޮތުން ރައްޔިތުންނަށް ލިބޭ އުފާވެރި ހަދިޔާއެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

