މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް އިމާރާތްކޮށްފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި، ކާގޯ އޮފީސް ހަދައި ހިންގާނެ ކުންފުނިތައް ހޯދުމަށް މިއަދު އިޢުލާން ކޮށްފިއެވެ.
އެމްއޭސީއެލްއިން ކުރި އިޢުލާނުގައިވާ ގޮތުން، މި ފުރުސަތަށް ކުރިމަތިލެވޭނީ އެމްސީއޭއޭގައި ކާގޯ އެއާލައިނެއްގެ ގޮތުގައި ނުވަތަ ކާގޯ ސޭލްސް އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ކާގޯ ބްރޯކަރެއްގެ ގޮތުގައި ނުވަތަ ކްލިއަރިންގ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށްވެސް މި ފުރުސަތުގައި ބައިވެރިވެވޭނެއެވެ.
މި ފުރުސަތުގައި ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން އެމްއޭސީއެލްގެ “ޓެންޑަރ ޕޯޓަލް” މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރަންވާނެއެވެ. އަދި ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ބީލަން ފޮތް “ޓެންޑަރ ޕޯޓަލް” މެދުވެރިކޮށް ލިބޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އަލަށް އިމާރާތްކޮށްފައިވާ ކާގޯ ޓާމިނަލަކީ ކުރީގެ ޓާމިނަލާ އަޅާބަލާއިރު ކާގޯ ހޭންޑްލިންގގެ މަސައްކަތް ތިން ގުނައަށް އިތުރަށް ކުރެވޭނެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މި ޓާމިނަލްގައި ތިން ބުރީގެ އޮފީސް އިމާރާތެއް ހިމެނޭއިރު، އެއާލައިންތަކާއި ބްރޯކަރުންނަށް ޚާއްޞަކޮށްފައިވާ 55 އޮފީހުގެ ޖާގަ ހިމެނެއެވެ.
ޓެންޑަރ ޕޯޓަލްއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 7981289 ނަންބަރު ފޯނުން ސައިފްއާ ގުޅުމަށް އެމްއޭސީއެލްއިން އަންގާފައިވެއެވެ.

