ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް މިދިޔަ ޖޫން މަހު 4 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައިވާ ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
އެންސްޕާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ތެރަޕިއުޓިކް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 108 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 72 ފިރިހެނުންނާއި 36 އަންހެނުންނެވެ. މި ފަރުވާތަކަށް ޖުމުލަ 4،055،281 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ތެރަޕިއުޓިކް ފަރުވާގެ މާލީ އެހީތެރިކަން ދީފައިވަނީ ހަތް ދާއިރާއަކުންނެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. އެއީ 1.2 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބިހޭވިއަރ ތެރަޕީއަށް ކަމަށްވާއިރު، އެއީ 1.1 މިލިއަން ރުފިޔާއެވެ.
އެންސްޕާއިން އިތުރަށް ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 14،412 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 8،384 ފިރިހެނުންނާއި 6،028 އަންހެނުންނެވެ.
ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެއީ 4،117 މީހުންނެވެ. ދެން އެންމެ ގިނައީ މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،224 މީހުންނެވެ. އަދި ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،889 މީހުން ވެއެވެ.

