ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަގައު ހިމެނޭ ހއ. ތަކަންދޫގެ ތާރީޚީ ސަހަރާ ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރާއްޖޭގެ ތާރީޚީ ތަރިކައިން އާމްދަނީ ހޯދުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
"ރައީސްގެ ވައުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ހއ. ތަކަންދޫގައިވާ ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ގައު ހިމެނޭ ސަހަރާ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނީ،" މެންބަރު ޝުޖާއު ވިދާޅުވިއެވެ.
ތަކަންދޫގެ މި ސަހަރާއަކީ ތާރީޚީ އަދި ސަޤާފީ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން ވެސް ވަރަށް މުހިންމު ތަނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ސަރުކާރުގެ ސިޔާސަތަކީ ޒަމާނީ ޓެކްނޮލޮޖީއާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންކުރަމުން އަންނަ ގޮތް ނަމޫނާއަކަށް ބަލައިގެން ތަރިކައިގެ ވާހަކަތައް ގެނެސްދިނުން ކަމަށް ވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ އިތުރުން، އުތީމު ގަނޑުވަރުގެ ފުރާޅު މަރާމާތުކުރުމާއި، ތ. ކަނޑޫދޫ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން އަދި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ފަދަ ތަންތަން ސަރުކާރުން ދަނީ ތަރައްޤީ ކުރަމުންނެވެ. މިއީ ރާއްޖޭގެ ތާރީޚީ ތަރިކަތައް ދިރުވައި، އޭގެން ޤައުމަށް އިޤްތިޞާދީ ފައިދާ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

