މާލޭގެ ގުދަނެއްގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ، ނިދާފައި އޮތް 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި އިއްޔެ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ނަގައިފައެވެ.
ވައްކަމުގެ މައްސަލައެއްގެ ތުހުމަތަށް ބަންދުކުރި އެމީހާގެ ކޯޓު އަމުރުގައި ބުނެފައި އޮތީ ގުދަނެއްގެ ތެރޭގައި މީހަކު ނިދާފައި އޮތް ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެތަނުން މީހަކު ހިފަހައްޓައިގެން ބަޔަކު ތިބި ކަމަށެވެ. އެތަނުން ފުލުހުންނާ ބައްދަލުކުރި ފަރާތުން ބުނީ، ހިފެހެއްޓި މީހާއަކީ ގުދަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އުޅެނިކޮށް ހުއްޓުވި މީހެއް ކަމަށެވެ.
ސީނުން ފުލުހުން އެ މީހާއާ ސުވާލުކުރުމުން، އޭނާ ވަނީ އެތަނަށް ވަދެފައި ވަނީ ދަންވަރު ނިދަން ކަމަށާއި، އެތަނުގައި ނިދާތާ ދުވަސްތަކެއް ވެއްޖެ ކަމަށް އިއުތިރާފުވެފައެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާގޮތުގައި މި މީހާއަކީ ކުށުގެ ތުހުމަތުގައި މީގެ ކުރިން 51 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ ތެރެއިން 17 ފަހަރު އޭނާ ވަނީ ބަންދަށް ބަދަލުކޮށްފައެވެ. އަދި މި ހައްޔަރުތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ވައްކަމުގެ މައްސަލަތަކެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ މާލެއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

