ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެކްސްކޯގެ މެންބަރުންގެ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)، ރެގިއުލޭޓަރީ އޮފް އޭވިއޭޝަން ސެކިއުރިޓީ (ޑާސާ)، އޭވިއޭޝަން ސެކިއުރިޓީ (އެވްސެކް)، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން، ޕްލާންޓް އެންޑް އެނިމަލް ކުރެންޓީން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، ޕޯޓް ހެލްތް، މޯލްޑިވްސް ޕޮލިސް ސާވިސަސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، އެއާލައިން ކޮމިޓީ ޗެއާ، މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)، އެމްއޭސީއެލް ޑިޕާޓްމަންޓްތަކާއި އޮރާޓްގެ އެމް.އޭ.ސީ.އެލްގެ ކޮންސަލްޓަންޓް މޮޑާލިސް އިން ބައިވެރިވެފައިވެ އެވެ.
ސްޓޭކްހޯލްޑަރުންގެ ބައްދަލުވުން ނިންމަވާލައްވަމުން ސީއީއޯ ޝަރީފު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ބޮޑު އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު، މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގެ ޖާގައިގެ ދަތިކަމާއެކު އެތަނުގެ ތެރޭގައި ތޮއްޖެހުމާއި ކުރެވޭ ތަޖުރިބާ މަދުވުން ފަދަ ކަންކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުން އުފުލަންޖެހިފައިވާ ބޮޑު ބުރައެއް ކަމަށެވެ.
އެހެންކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއުއަކީ ގައުމީ މަސައްކަތެއް ކަމަށާއި އަދި އެ މަޝްރޫއު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ސީއީއޯ ޝަރީފުގެ ވާހަކަފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ސްޓޭކްހޯލްޑަރުންގެ ފަރާތުން ލިބިވަޑައިގަންނަވާ އާދަޔާ ހިލާފު އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.¬

